Pages

Monday, December 10, 2012

Dheenee Ilmuveringe vaahaka!


ދީނީ ޢިލްމުވެރިންގެ ވާހަކަ





ދިވެހިރާއްޖޭގައި ޕާޓީވެރިކަމަށް ފެށުނުފަހުން ވަރަށް ގިނަ ކަންކަމަށް އެދެވޭ ބަދަލުތަކެއް އައެވެ. ޚާއްޞަކޮށް ވެރިކަން ހިންގާފަރާތާމެދު ފާރަވެރިވާނެ ފަރާތެއް އޮތުމުން ވެރިކަން ހިންގާފަރާތުން ހިތުހުރިހާގޮތެއް ރައްޔިތުންނަށް ނުހެދޭނެކަން އޮތީ ވަރަށް ޔަޤީންވެފައެވެ. ނަމަވެސް، ޕާޓީ ނިޒާމާއެކު، އައި އަނެއް ނޭދެވޭ ކަމަކީ ދޭދޭ މީހުންގެ މެދުގައި އުފެދެންފެށި ދެކޮޅުވެރިކަމެވެ. މިދެކޮޅުވެރިކަމާއިއެކު، މައިންނާއި ދަރިން ވަކިވެ، އަންބިންނާއި ފިރިން ވަކިވެ، ޢާއިލާތައްވެސް ބިކަވެފައި އެބަހުއްޓެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ދީން ދަންނަކަމަށް ބުނާހާ ބަޔަކަށް ހުއްދަ ދީގެން ދީނީ ޢިލްމުކުރިއެރުވުމުގެ ނަމުގައި އެކި ރާގުރާގަށް ވާހަކަދައްކާ ބަޔަކަށް ފުރުޞަތުދީގެން ރަނގަޅަށް ހެދިބޮޑުވަމުން އައި ރައްޔިތެއް ބޯހާސްކުރުވައިފިއެވެ. މިލިޔުމުގައި ދައްކަން މިއުޅެނީ މިވާހަކައެވެ. ދީނީ ޢިލްމުވެރިކަމާމެދު އަހަރެމެން އިހުމާލުވީވާހަކައެވެ.

މިލިޔުމުގެ މައިގަނޑު ފެށުމުގެ ކުރީން، އިސްވެދެންނެވި ހާލަތު ނިޔާކުރާގޮތުގެ މަތީން އިމާންކަމާމެދު އަހަރެންގެ އިޤުރާރު އަޑުއަހާށެވެ. ސުންނީ އިސްލާމަކީމެވެ. ހަތަރު މަތިފުށް ދިވެހި ރައްޔިތަކީމެވެ. ދިވެހިރާއްޖެ އިސްލާމީ ތަރިކައާމެދު އަބަދުމެ ފަޚުރުވެރިވަމެވެ. ދާހާތަނެއްގައި އެވާހަކަ ދެއްކުމަކީ އުފަލެކެވެ. އެހެންދީނަކަށް އަދި އެހެން މަޛްހަބަކަށްވިޔަސް ދިވެހިބިމުން ޖާގަދިނުމަކީ ވާންޖެހޭނޭ ކަމެއްކަމަކަށް ނުދެކެމެވެ. މިއިޤުރާރާއެކު، އަހަރެންގެ މަޢުލޫއާގެން ކުރިއަށް ދާނަމެވެ.

2005ވަނަ އަހަރު ސިޔާސީ ޕާޓީ އުފެއްދުމަށް އޭރުގެ ބަންޑާރަނާއިބުގެ ލަފާ ރަޢީސުލްޖުމްހޫރިއްޔާއަށް ލިބިއްޖެއެވެ. އޭނާގެ ހިތާ ދެކޮޅަށްނަމަވެސް ޕާޓީ އުފައްދަން ފުރުޞަތު ދިނުމާއެކު، އޭރުރާއްޖޭގައި ތިބި އިސްލާމްދީން ދަންނަ ފަރާތްތަކުންވެސް އެއްވެލައި ޕާޓީއެއް ހަދައިފިއެވެ. %100 އިސްލާމީ ޤަޢުމެއްގައި މިބައިމީހުން ވަކީން ޕާޓީއެއް ހެދުމުގެ ބޭނުމެއް އަހުރެންނަކަށް ނުވިސްނެއެވެ. ކޮންމެއަކަސް ޢަދާލަތު ޕާޓީގެ ނަމުގައި މިޕާޓީ އެބަ ހިނގައެވެ. 2005ން 2008ގެ އިންތިޚާބާ ހަމައަށް މިޕާޓީގެ ކަމަކަށްވީ، އޭރުވެރިކަމުގެ ތިއްބެވި ފަރާތްތަކުގެ ޒާތަށް ފުރައްސާރަކޮށް، ދިވެހީންގެ ހިތުގައި ދީނަށް ހުންނަ ޖަޒުބާތު މިވެރީންގެ އަމިއްލަ ފައިދާއަށް ބޭނުންކުރެވޭނެ ގޮތެއް ހެދުމެވެ. (ޕާޓީއޭ މިބުނަނީ މިއީ އެޕާޓީގެ ވެރީން ޕާޓިގެ ނަމުގައި ނޫސްބަޔާންނެރެ، ޕޯޑިއަމްތަކަށް އަރައިކުރި ކަންކަމަށްވާތީއެވެ. ފަހަރެއްގައިވެސް ހުރިހާ އެންމެ ޝާމިލުކުރާކަށްނޫނެވެ. ޚުދު އަހުރެން ވަރަށް އިޙުތިރާމުކުރާ ދީނީ ޢިލްމުވެރީންނާއި، މިހުރި ހިސާބަށް ވާޞިލްވުމަށް މަސައްކަތްކޮށް ދެއްވި މުދައްރިސުންވެސް އެޕާޓީގައި އެބަތިއްބެވެ. އެބޭކަލުންނަށް ﷲ ތަޢާލާ، ރަޙްމަތް ދާއިމްކުރައްވާށިއެވެ.)

ކޮންމެއަކަސް މިބައިމީހުން މިކަހަލަ ގޮތަކަށް އުޅެނިކޮށް 2008ގެ އިންތިޚާބާއި ޖެހިއްޖެއެވެ. ރާގު ބަދަލުވެ، ކާފަރެކޭ ގޮވުނު މީހުން މުއުމިނުންނަށްވެއްޖެއެވެ. މިމީހުންގެ ރުހުމާއެކު، 30 އަހަރު ވީ ވެރިކަމެއް ވައްޓާލައި، ކަމަށްއައު މީހަކު ވެރިކަމަށް ގެނެސްފިއެވެ. އެމީހާ މިބައިމީހުނަށް ވުޒާރާއެއް ދިނެވެ. ހަމަވަޢުދުވީ ފަދައިންނެވެ. އެމީހާގެ ބުނުމަކަށްވީ "މަށަކު މީ ދީން ކިޔަވައިގެން ހުރި މީހަކު ނޫނޭ" އެހެންކަމުން އެކަން އެނގޭ ބަޔަކާ އެކަން ޙަވާލުކުރީ ކަމުގައެވެ.

ދެންކަންވީ ގޮތް އަހަރެމެން މިއަދު މިތަޖުރިބާ ކުރަނީއެވެ. ހަމަ މިބައިމީހުންގެ ރުހުމާއެކު، އެއްކަލަ ވުޒާރާދިން މީހާވެސް ވެރިކަމުން ބޭރުކޮށްފިއެވެ. އެހެންކަމުން މިމީހުންގެ ބާރު ދިވެހީންގެ މެދުގައި ކޮންމެވެސް ވަރަކަށް ހިފައިފިކަން ޤަބޫލުކުރަން ޖެހެއެވެ.


ކޮންމެއަކަސް މައްސަލަ އެފުދުނީ 2008ން ފެށިގެންނެވެ. ޢަދާލަތު ޕާޓީއަށް ލިބުނުފުރުޞަތުގައި،އެމީހުންނަށް ފެންނަ ކޮންމެ މީހަކަށް ދީނީ ތަޤްރީރު ކުރުމުގެ ހުއްދަދީ، ދިނީ ޖަމިއްޔާތައް ހެދުމުގެ ހުއްދަ ދިނުމުގެ ނަތީޖާއަކަށްވީ، ޖާމިޢާތަކުގެ "ބިއްދޮށުން" ފާސްގެނައި ފަރާތްތަކަށްވެސް އަޑުއުފުލާނެ ފުރުޞަތު ލިބުމެވެ. ފަންސާސް އަހަރުވާންދެން ހިމާޔަތް ކުރެވިފައިއޮށް ދީނީ ސިޔާސަތުގެ ދަހަނާ ވެއްޓި ރައްޔިތުން ބައިބައި ވުމަށް އިތުރު ބާރަކަށް މިކަން ވެއްޖެއެވެ.

ޙާޤީޤަތަކީ، ރާއްޖެ ފަދަ ނަން-ސެކިއުލާ Non-Secular ، އެއްދަރިކޮޅެއް އުޅޭ ކުޑަކުޑަ އާބާދީއެއްގައި، ދީނަކީ ދަޢުލަތުގެ މުއައްސަސާއެއްގެ ގޮތުގައި ހިންގާނަމަ އެކަން ކުރަންވާނީ ވަރަށް ރަނގަޅަށް ބެލެހެއްޓި، ފާރަވެރި ވެގެންކަމެވެ. ބޭނުންހާ މަޛްހަބަކަށް ވާހަކަދެކެވި، ބޭނުންހާ ކަމެއްގައި ވަކިވަކި ޢިލްމުވެރީން ބޭނުންވާގޮތަށް ފަތުވާ ނެރުމުގެ ނަތީޖާއެއްގެ ގޮތުން، އަދުގެ ޖީލު ދީނާއި ދުރުކުރުވައިފިއެވެ. މިއީ ވަކި 2008ގެ ފަހުން ވީކަމެއްވެސް ނުމެނޫނެވެ. މިކަމުގެ އަޞްލު ސަބަބަކީ، އިސްލާމްދީން އުނގެނި ތިއްބަސް، އިސްލާމީ ވަންތަކަމެއް ދީނީ ޢިލްމުވެރީންގެ ކިބައިގައި ނެތުމެވެ.

ﷲ ތަޢާލާ ވަޙިކުރައްވަނީ "ޙިކްމަތާއި، ރިވެތި ވަޢުޒާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލުކުރައްވާށެވެ!....." (ކީރިތި ޤްރުއާން – 16:125) މައްސަލައަކީ، މިއާޔަތުގައިވާ މިންގަޑު ގިނަ ދީނީ ޢިލްމުވެރީން ހަނދާންނެތޭކަމެވެ. ފަހަރުގައި އެބޭކަލުން ކިޔަވާވިދާޅުވެފައިވާ ތަނުގެ ގޮތުން، އެތަނުގެ އަހުލުންނަށް ނަޞޭޙަތްދިނުމުގައި ބޭނުން ކުރައްވާ ބަސްމަގާއި ރާގުން ދިވެހިންނާ މުޚާތަބުކުރެވެނީ ކަމަށްވެދާނެއެވެ. އެހެންނަމަވެސް، ޙިކްމަތްތެރިކަން ނެތީ ކީއްވެބާއެވެ؟ ހަމަގައިމު، އެސިފަ ކޮންމެ ބަޔަކާ މުޚާތަބު ކުރިޔަސް ހުންނަންވާނެއެވެ. ފަހަރުގައި، އެހުންނަ ޖޯޝާ ފޯރިއެއްގައި އެބައި ހަނދާން ނެތެނީ ކަންނޭގެއެވެ. ނުވަތަ މިފަރާތްތަކަށް ޙިކްމަތްތެރިކަން ކަމުގައި ވާކަންކަން އަހަރެމެނަށް ޙިކްމަތްތެރި ނޫނީކަމަށްވެސް ވެދާނެއެވެ. މިސާލަކަށް، މަޝްހޫރު ޒާކިރު ނައިކުގެ ގޮތްތަކަށް ބަލާލާށެވެ. އޭނާއަކީ ވަރަށް ދަންނަ، މޮޅު މީހެކެވެ. ނަމަވެސް، އެހެން ދީންތަކުގެ ފަރާތްތަކާއި މުޚާތަބުކުރާއިރު، ކޮންމެ ދެލަފްޛެއް ދާތެރެއަށް "ބްރަދަރ" ލުމަކުން އަދި އެބުނާ ޙިކްމަތްތެރިކަން ފުދުނީއެކޭ އަހުރެން ނުދެކެމެވެ. "ބްރަދަރ" އޭ ބުނެ ފަށައިފައި ދެންތިބޭ މީހުން ފަޟީޙަތް ކޮއްލުމަކީ އިސްލާމްކަމެއް ނޫނެނެވެ.

ހަމައެގޮތަށް ދިވެހި ދަންނަ ބޭކަލުންވެސް، "މަދީނާ އަނދިރިވަނީ" ފަދަ ތަމްޘީލީ ސުރުޚީތަކުގެ ދަށުގައި ތަމްޘީލީ ދަރުސްތައް ދިނުމުން އެއަޑުއަހަން ދާ ބަޔަކަށް ނޭދެވޭ އަސަރުތަކެއް އެބަ ކުރެއެވެ. ސަބަބަކީ އެފަދަ ތަމްޘީލީ ކަންކަމުގެ ސަބަބުން، ދީނުގައި ހިމެނޭ ލޯތްބާއި، އެހީތެރިކަމާއި އަދި ހުރިހާ އެއްޗަކާއި ބަޔަކީވެސް ﷲ މަޚްލޫޤުންކަން ހަނދާން ނެތެނީއެވެ. އޭރުން ކުރާ ނޭދެވޭ އަސަރަކީ، އެހެންޏާ ދީނާ ދުރަށް ދިއުން، ނުވަތަ އެހެނިހެން ޤަބޫލުކުރުންތަކުގެ އަހުލުވެރީންނަށް ނަފުރަތު ކުރުމެވެ. އެއީ ތިމާގެ އަމިއްލަ ދީނުގެ މީހަކަސް ވަރިހަމައެވެ. މޫނުނިވާކޮށްގެން ބުރުގާއެޅުމާ ދެކޮޅަށް އެއްޗެކޭ ބުނި މިހާއަކީ ކާފިރަކަށް ހަދައި ނަޖިސް ވެއްޖެ މީހެއްކަމަށް ބުނި ދުވަސްވެސް އަހުރެން ދުށީމެވެ. މިއީ އަދި ދުނިޔޭގެ މަތިވެރި ދަންނަބޭކަލުންގެ މެދުގައިވެސް ޚިލާފު އޮތް ،މައްސަލައެއްގައި އެއް އިސްލާމަކު އަނެއް އިސްލާމަކަށް ދިން ރައްދެވެ. މިދަރަޖައަށް ކަންކަން ދިޔައީމައި ދަންނަބޭކަލުން ވަރަށް ޙިކުމަތްތެރިއޭ، ވާހަކަ ދައްކަނީ ރިވެތިކޮންނޭ ބުނެވޭކަށް ނެތެވެ.

މިލިޔުން ކިޔާ ފަރާތްތަކުން ނިކަން އެބޭކަލުން ތަޤުރީރުތައް އަޑުއައްސަވާ/ބައްލަވާށެވެ. މިފަހަރު މިދެންނެވެ ކަންކަން ފާހަގަވާނެއެވެ. ދަންނަ ބޭކަލުން ހަނދާން ކުރަންވީކަމަކީ، ކޮންމެ ދީނަކަށް ބަޔަކު ތަބާވިޔަސް، އަދި ދީނީ ރަޢުޔު ބޭނުންވިޔަސް، އެއީ އެބަޔަކު ހިތްހަމަ ޖައްސަން ކުރާކަމެއްކަމެވެ. އަދި  ބިރުދައްކައި ހާސްކުރުވައިގެން ހިތްހަމަޖެހިގެން ބަޔަކު ނުތިބޭނެކަމެވެ. އަދި ދީނަށް ބަޔަކު ތަބާވަނީ ލޯތްބަށްވުރެ ބޮޑަށް، ބިރުން ކަމުގައިވާނަމަ، އެކަން ކޮންމެވެސް އެހެން ސޫރައެއްގައި މުޖުތަމަޢަށް ފެންނާނެކަމެވެ. މަޝްހޫރު ޢިލްމުވެރިއަކު، ޤަބުރެއް ގޮތަށް، ދިރިހުރި މީހެއްގެ ފަސްތަންބަނދެ ކަފުން ކަފަ އާއިއެކު ގެނަސް ބާއްވައިގެން ދިން ތަޤްރީރެއްވެސް އަހުރެން ދުށީމެވެ. އެކަމުން، ކުރާނީ ކޮން ރަނގަޅު އަސަރެއްބާއެވެ؟ ދީނުގެ ނަމުގައި ބަޔަކު ޓެރަރައިޒްކޮގެން ނުވަތަ ބިރުދައްކައިގެން ބޭރުފުށަށް ދެއްކޭ އީމާންކަމުގެ މުއްދަތަކީ ނުވަތަ ޚާލިޞްކަމަކީ ކޮބައިބާއެވެ؟

ޤަޟާޤަދަރާއި މެދު ސުވާލުކުރާ މީހުނަށް، ޚާއްޞަކޮށް ޒުވާނުންނާއި ތުއްތުކުދީންނަށް ރުންކުރުކޮށް ޖަވާބުދޭތަން އަހުރެން ދުށީމެވެ. އެޖަވާބުތަށް އެކުދީން ދީނާއި ކައިރި ކުރުވާނެބާއެވެ؟ ނުވަތަ އެޖަވާބުތަކުން އެކުދީން އެސުވާލުތައް އަލުން ނުކުރާނެ ހެއްޔެވެ؟

މިހުންނަނީ ހައްތާވެސް ދީނީ ޢިލްމުވެރިން އަމިއްލަ ނަފްސާމެދު ކޮށްލުން ރަނގަޅު ސުވާލެވެ. ދީނީ ޢިލްމާއި ފިޤްޙީ ޤާޢިދާތައް އިނގުނުނަމަވެސް އަދި މީހަކަށް އެއްޗެއް އުނގަންނައިދޭކަށް، ތަޤްރީރުކުރާކަށް، ދަޢުވަތުދޭކަށް ނޭގޭނެއެވެ. އެކަން ރަނގަޅަށް ކުރެވޭނީ އިންސާނީ ފިޠްރަތު ދަންނަ، ސައިކޮލޮޖީ އެނގޭ، އުނގަނައިދިނުމުގެ ހުނަރު ހުރި މީހުންނަށެވެ.

ވީމާ ތަނަކުން ހަމަ އަންނަހާ މީހަކަށް ފުރުޞަތު ދިނުމުގެ ބަދަލުގައި، ދީން، ދަޢުލަތުގެ މުއައްސަސާއެއް ކަމުގައި އޮންނަ އޮތުން އިތުރަށް ހަރުދަނާކުރަށް ދާއިމީ ވަރުގަދަ ދިޔަވަޅު ތަކެއް އަޅަން ސަރުކާރަށް އެބަޖެހެއެވެ. އެހެންނޫނީ ފެންނާނީ އަހަރެމެން އިތުރަށް ބައިބައިވެ، ދޭންޖެހޭ ޙައްޤުތައް އިތުރުވާތަނެވެ. އެއީ ރާއްޖެ ފަދަ ޤަޢުމަކަށް ބަރުދާސްތުކުރެވޭނޭ ކަމެއްނޫނެވެ.

މިހާރަކުދެން، ދަރިން ނުބައި ކުރަނީ، މައިންބަފައިނޭ، ނުވަތަ ނުބައިވަނީ އަމިއްލައަށޭ ބުނުމަކުން ނުފުދެއެވެ. ތެދެކެވެ، ﷲ ދެމަގު ދެއްކެވިއެވެ. ޚިޔާރު ކުރަނީ އަމިއްލައަށެވެ. އެކަމަކު، ނުބައި މަގެއް ޚިޔާރު ކުރާގޮތަށް ވަހުމުތަށް ހިތައްވައްދައިދޭ ފަރާތްތަކުގެ އިހުމާލެއް އެބައޮތެވެ. ހަމަ އެފަރާތްތަކުންވެސް މަޙްޝަރުގެ މައިދާނުގައި ޖަވާބުދާރީ ވާންޖެހޭނެއެވެ. -ޙމޙ-

ފޮޓޯ : http://www.pinoy-ofw.com/news/22986-7-pinoys-ramadan-reprieve-saudi-arabia-98-win-case.html


1 comment: